envelope-with-heart-sticker-and-dried-flowers-709118369-5a6363404e46ba003741167d

ސިޓީ

  އާދައިގެ މަތިން އާދަނު ސުކޫލަށް ގޮސް ސަމާއާ ދިމާއަށް ބަލަން ފަށައިފިއެވެ. ސަމާ ދެކެ ކިތަންމެ ލޯބިވިޔަސް، އާދަނަކަށް ސަމާއާ ވާހަކަދައްކާކަށް ނުކެރެއެވެ. އެހެންވެ އާދަނުގެ އެކުވެރިން އާދަނަށް މަލާމާތް ވެސް ކުރެއެވެ. މިއަދު ވެސް އާދަނު ސަމާއަށް ބަލަން ހުއްޓާ ކުއްޖަކު އޭނާއަށް މަލާމާތްކުރިއެވެ. މިފަހަރު އާދަނުގެ ހިތަށްއެރިއެވެ. “ އަބަދަކު މިހެންނެއް ވެސް ނޫޅެވޭނެ… ލަދަކާހުރެ ތަދެއް ނުފިލާނެ… އަހަރެން ވެސް ކެރިގެން ކުރިމަތިލާންވީ…“. އާދަނު އެތާ ކޮޅަށް ހުރީ ސަމާއާ ވާހަކަދައްކާނެ ގޮތެއް ވިސްނާށެވެ. މީދަލެއް އައިސް ގައިގައި ދައިގަތަސް ތަދު އިހުސާސް ނުކުރެވޭހައި ފުންމިނަށް އާދަނު ހުރީ ޚިޔާލުތަކަށް ގެއްލިފައެވެ.

   އެހެން ހުއްޓައި އާދަނަށް ރަނގަޅު ޚިޔާލެއް ލިބުނެވެ. ސަމާއަށް ސިޓީއެއް ލިޔަން އާދަނު ގަސްތުކުރިއެވެ. ސެޝަން ނިމުމުން ޖަހާ ރަނގަބީލު ޖެހުމާއެކު އާދަނު ޖެހުނުތާ ލަކުނު ވެސް ނެތެވެ. ގެއަށް އައިސް ކަމާކަންފަށައި ސިޓީއެއް ލިޔުމުގެ މަސައްކަތް ފެށިއެވެ. ސިޓީ ލިޔެ ނިމުނުއިރު، ސިޓީއެކޭ ހުކުރު ހުތުބާއެކޭ ތަފާތެއް ނެތެވެ. އެހައި ވެސް ދިގެވެ. ނުވީތާކަށް އާދަނުގެ ފޯނު ނަންބަރު ވެސް ސިޓީގައި ޖެހިއެވެ.

     ޖެހިގެން އައި ދުވަހު، ސުކޫލަށް ގޮސްފައި ސަމާއަށް އެ ސިޓީ ދިނުމަށްޓަކައި ވަރަށް ސިއްރުން ސަމާގެ ދަބަހުގައި އޮތް ފޮތެއްގެ ތެރެއަށް އާދަނު އެ ސިޓީ ލިއެވެ. އާދަނުގެ ނަސީބު ވަރަށް ރަނގަޅެވެ. އެ ދުވަހު ގެއަށް އައިތަނާހެން ސަމާ އާދަނަށް މެސެޖުކުރަން ފަށައިފިއެވެ. އަދި ސަމާ އާދަނުދެކެ ލޯބިވާ ވާހަކައާއި ބައްދަލުކުރަން ބޭނުންވާ ވާހަކަ ވެސް ބުންޏެވެ. އާދަނު ވީ އުފަލެއްގެ ބޮޑުކަމުން، އަނގައިން ގޮހޮރު ނުނުކުތީ ހަމަ ކިރިޔާއެވެ. ޖެހިގެން އަންނަ ރޭ 8:30 ގައި ބައްދަލުކުރަން ދެ މީހުން އެއްބަސްވިއެވެ.

     ބައްދަލުކުރަން ހަމަޖެހިފައިވި ރޭ 8:30 ގައި އާދަނު ހުރީ ސަމާގެ އިންތިޒާރުގައެވެ. އެހެން ހުއްޓައި ފަހަތުން މީހަކު އައިސް އާދަނުގެ ގައިގައި ކޮށްޓައިލިއެވެ. ސަމާ ދެކެލާހިތުން ކެތްމަދުވެފައި ހުރި އާދަނު  ”މަގޭ ލޯބި ސަމާ“ އޭ ބުނެ ފަހަތް ބަލައިލިއެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ. އެއީ ސަމާގެ މަންމައެވެ. ކަމަކުދާކަށް ނެތެވެ. ބޮލަށް އަރާ ކުކުޅެއްހެން ސަމާގެ މަންމަ އާދަނާ ދިމާއަށް ހަޅޭއްފަޅޭއްޖަހައިގަތެވެ. ގަންނާކުރެއްވި ބިރުން އާދަނު ބުޅަލެއްހެން ދުއްވައިގެންފައި ގެޔަށް ދިޔައެވެ.

     އޭގެ އަނެއް ދުވަހު އާދަނު ވަރަށް ލަދުން ހުރެ ސަމާ ގާތުގައި ކަން ހިނގި ގޮތް ކިޔައިދިނެވެ. އާދަނުގެ މި ވާހަކަ އަޑުއަހައިފައި ސަމާ އަޑުގެ ނެތްތަނަށް ހޭންފެށިއެވެ. އަދި އެ ދުވަހު ސަމާއަށް ސުކޫލަށް ގެނެވުނީ ސަމާގެ މަންމަ ގެންގުޅޭ ފޮތެއްކަމަށް ބުންޏެވެ. އެއީ ސަމާގެ މަންމަ ބައެއް ތަކެތި ނޯޓުކުރަން ގެންގުޅޭ ފޮތެއްކަމަށާއި، ސަމާއަށް އެ ސިޓީ ނުލިބޭ ވާހަކަ ވެސް ބުންޏެވެ. އާދަނު ހިތަށްއެރިއެވެ. ސަހަރޯއެވެ! ސިޓީ އެ ކީ ސަމާގެ މަންމައެވެ. އަދި މެސެޖު ވެސް އެ ކުރީ ސަމާގެ މަންމައެވެ.

 (ނިމުނީ)

=މުޙައްމަދު ވިޝާޙް ، ހދ.ވައިކަރަދޫ=

ހިއްސާކޮށްލަމާ

Share on facebook
Share on twitter
Share on linkedin
Share on pinterest
Share on print
Share on email

Leave a Reply

Your email address will not be published. Required fields are marked *