ހަސަނަކީ އުމުރުން 9 އަހަރުގެ ކުއްޖެކެވެ. ހަސަނު ވަރަށް ކުޑައިރު ހަސަނުގެ މަންމަވަނީ ނިޔާވެފައެވެ. އެހެންވެ ހަސަނު ބަލަނީ ހަސަނުގެ ބައްޕައެވެ. ހަސަނުގެ ބައްޕަ އަބަދުވެސް ހަސަނަށް ދޭ ނަސޭހަތަކީ ބައްޕަ ގާތު ނާހާ އެއްވެސް ތަނަކަށް ނުދާން ދޭ ނަސޭހަތެވެ. އެހެންވެ ހަސަނު ކޮންމެ ތަނަކަށް ދިޔަސް ބައްޕަ ގާތު އަހައެވެ. ހަސަނަކީ އެކި ވައްތަރުގެ ބޮލި އެއްކުރާ ކުއްޖެކެވެ. އެހެންކަމުން ގޮނޑުދޮށަށް ބޮލިހޮވަން ދިއުމަކީ ހަސަނުގެ އާދައެކެވެ.
އެއްދުވަހަކު ހެނދުނު ހަސަނު ގޭދޮށުގައި ހުރި ޖޯލީގައި އިންދައި ކުއްޖަކު އައިސް ހުއްޓިލިއެވެ. ހަސަނުގެ ރައްޓެހި ޢަލީއެވެ. ”ހިނގާ ބޮލިހޮވަން ދާން“ ޢަލީ ބުންޏެވެ. ހަސަނަކީ ބޮލިހޮވަންދާން ވަރަށް ފޯރި ހުންނަ ކުއްޖެކެވެ. ހުރި ފޯރީގެ ސަބަބުން އަވަހަށް ދާން ދުއްވައިގެވެ. ބައްޕަ ގާތު ވެސް ނާހައެވެ.
ހަސަނާއި ޢަލީ ގޮނޑުދޮށަށް ދިޔަ މަގުމަތީގައި ވަރަށް ވައިގަދައެވެ. ޢަލީ ދިޔައީ ބޮލިއަޅާނެ އެއްޗެއް ހޯދަން އެހެންދިމާއަކަށެވެ. ހަސަނު ރުއްގަނޑުތެރެއިން ގޮބަޅިއެއް ފެނޭތޯ ބެލިއެވެ. އެހެން އުޅެނިކޮށް ކުއްލިޔަކަށް ރުކަކުން ކާއްޓެއް ވެއްޓި ހަސަނުގެ ބޯ ފަޅައިގެން ހިނގައްޖެއެވެ. ހަސަނު ވެއްޓި ހޭނެތުނެވެ.
ހަސަނުގެ ބައްޕަ ހަސަނު ވީތަނެއް ނޭނގިގެން ވަރަށް ކަންބޮޑުވިއެވެ. މުޅި އަވަށުގައި ހިނގައިހިނގައި ނުފެނިގެން މާޔޫސްވެގެން އައިސް ޖޯލީގައި އިނެވެ. ”ހަސަނު ވާނީ ބޮލިހޮވަން ގޮސް ކަންނޭނގެ. ދާންވީ ބަލައިލަން ދާން“ ހަސަނުގެ ބައްޕަ ހިތަށްއެރިއެވެ. ދެން ހަސަނު އާންމުކޮށް ބޮލިހޮވަންދާ ދިމާއަށް ދާން ހިނގައިގަތެވެ.
ހަސަނުގެ ބައްޕަ ރުއްގަނޑު ތެރެއިން ދަނިކޮށް ހަސަނު ވެއްޓި އޮއްވައި ފެނުނެވެ. ހަސަނުގެ ބޯ ވަނީ ފަޅައިގެން ގޮސްފައެވެ. ހީވަނީ ހަމަ ދެންމެ ވެއްޓުނުހެންނެވެ. އިރުކޮޅަކުން ޢަލީ އަތުވެއްޖެއެވެ. ޢަލީ އަށް ވެސް ލިބުނީ ސިހުމެކެވެ. ހަސަނުގެ ބައްޕައާއި ޢަލީ ހަސަނު ނަގައިގެން ހަސްފަތާލަށް ގެންދިޔައެވެ.
ހަސަނު ހޭވެރިކަން ވެގެން ބަލައިލިއިރު ކައިރީގައި އިނީ ބައްޕައާއި ޢަލީއެވެ. އެ މީހުން ކަންވީ ގޮތް ކިޔައިދިނެވެ. އެ ވަގުތު ޑަކުޓަރު ވެސް އައިސް ބުންޏެވެ. ”ހަސަނު ތިޔަ ސަލާމަތްވީ އަވަހަށް ހަސްފަތާލަށް ގެނެވުނީމަ“. ޑަކުޓަރުގެ މި ބަސްކޮޅު އަޑުއަހާފައި ހަސަނު ހިތަށްއެރިއެވެ. ”އަހަރެންގެ ބައްޕަ ނައިނަމަ އަހަރެންގެ ދުވަސްދިޔައީހެވެ. ބައްޕައަށް އާދެވުނުކަން ނަސީބެވެ.“ ހަސަނު އަވަހަށް ބައްޕަގާތު މާފަށްއެދި ބުންޏެވެ. ”ބައްޕާ. ދެން އަހަރެން ބައްޕަ ކައިރީގައި ނުބުނެ އެއްވެސް ތާކަށް ނުދާނަން“
2 Responses
މި ވާހަކަ ވަރަށް ވެސް ފުރިހަމަ
ޝުކުރިއްޔާ.