އެ ބައެއްގެ ޤައުމީ ދިދައަކީ އެބަޔަކަށް ވަރަށް ޚާއްޞަ އެއްޗެކެވެ. އެބަޔަކު ވަރަށް ޤަދަރުކުރާ އެއްޗެކެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިދައަކީ ކޮންމެ ދިވެއްސެއް ވެސް ޤަދަރުކޮށް އިޙްތިރާމުކުރާ އެއްޗެކެވެ. ތިޔަ ކިޔުންތެރިޔާގެ ހިތުގައި ވެސް ދިވެހި ޤައުމީ ދިދައަށް ވަކިން ޚާއްޞަ ލޯތްބެއް އުފެދިފައި އޮންނާނެވެ. ނަމަވެސް ދިވެހި ޤައުމީ ދިދައާ ބެހޭގޮތުން އެނގެނީ ކިހާވަރަކަށް ހެއްޔެވެ؟
ދިވެހިރާއްޖޭގެ ޤައުމީ ދިދައިގެ ގޮތުގައި ފުރަތަމަ ގެންގުޅުނީ ރަތްކުލައިގެ ފޮތިގަނޑެކެވެ. 1945 ވަނަ އަހަރުގައި ދައުލަތުގެ އޮފީސްތަކުގައި ޤައުމީ ދިދަ ނަގަން ފަށާފައިވާއިރު، އެދުވަސްކޮޅު ދިދަ ނަގަނީ ހެނދުނު ހަޔަކުން އިރުއޮއްސި ހައެއް ޖެހުމާ ހަމައަށެވެ. ދިވެހި ޤައުމީ ދިދަ ފުރަތަމަ ބޭނުންކުރަން ފެށުނުއިރު ހުރީ، މިހާރު އަޅުގަނޑުމެނަށް ފެންނާން ހުރި ގޮތަކަށް ނޫނެވެ. އެދުވަސްވަރު ބޭނުންކުރި ދިވެހި ޤައުމީ ދިދައިގައި ވާ ހަނދުފަޅީގެ އެތެރެކައިރީގައި ތަރިއެއް ހުއްޓެވެ. އަދި ދިދަދަނޑިއާވީ ފަރާތުގައި ކައްޗަކަށްވާގޮތަށް އެއްވަރެއްގެ ފުޅާމިނެއްގައި ހުދާއި ކަޅުކުލައިގައިވާ ރޮނގުތަކެއް ވެސް ހުއްޓެވެ.
އޭގެ ދުވަސްތަކެއް ފަހުން ޤައުމީ ދިދައިގެ ޙަޔާތަށް ބަދަލެއްއައީ 26 ޖުލައި 1965 ގައި އިނގިރޭސީންގެ އަޅުވެތިކަމުން މި ދީބު ސަލާމަތްވެ މިނިވަންކަން ލިބުމުން، ވަޒީރުންގެ މަޖިލީހުން ފާސްކުރައްވައިގެން ދިދައިގެ ދަނޑިއާވީ ފަރާތުގައި ހުރި ކަޅާއި ހުދުގެ ރޮނގުތައް އުނިކުރުމުންނެވެ. ބުނެވޭގޮތުގައި ދިވެހި ޤައުމީ ދިދަ ރާއްޖޭގެ ރަށްރަށުގައި އާންމުވާންފެށީ 1979 ގެ ފަހުންނެވެ. އެ ކަން އެހެންވީ އޮފީސްތަކާއި ކޯޓްތަކާއި މަދަރުސާތަކުގައި ދިވެހި ޤައުމީ ދިދަ ނަގަންފެށުމުންނެވެ. ރައީސުލްޖުމުހޫރިއްޔާގެ އޮފީސް، ރައީސުލްޖުމުހޫރިއްޔާގެ ރަސްމީ ގެ، ރައްޔިތުން މަޖިލިސް ކުރާގެ، ދިވެހި ރާއްޖޭގެ ހައިކޯޓް އަދި ނޭޝަނަލް ޝެކިއުރިޓީ ސަރވިސް ހެޑްކުއާރޓަރސްގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނެގިފައި ހުންނަންޖެހޭނެކަމަށް ދިވެހި ޤައުމީ ދިދައާ ބެހޭ ޤަވާޢިދުގައިވެއެވެ.
ޤައުމީ ދިދަ ހުންނާންވީ ގޮތުގެ މައްޗަށް ވަކި ޤަވާޢިދުތަކެއް ހުރެއެވެ. އެގޮތުން ޤާނޫނު އަސާސީގެ 12 ވަނަ މާއްދާގައިވާ ގޮތުން ” ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގުއަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ. ޤައުމީ ދިދައިގެ ފުޅާމިނަކީ އޭގެ ދިގުމިނުގެ 2/3 އެވެ. ރަތްކުލައިގެ ބޯޑަރުގެ ފުޅާމިނަކީ ދިދައިގެ ފުޅާމިނުގެ 1/4 އެވެ. ހަނދުފަޅީގެ އެތެރެއާއި ބޭރުފަރާތުގެ ރޭޑިއަސްއަކީ ފެހިބައިގެ ފުޅާމިނުގެ 1/3 އެވެ. ހަނދުފަޅި ހުންނާނީ ފެހިބައިގެ މެދުގައި ދިގަށް އެއްކޮޅުން އަނެއްކޮޅަށް ރޮނގެއްދަމައި އެ ރޮނގުގެ އެއްކޮޅަކުން 9/16 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައި ހަމައެކޮޅުން ރޮނގުގެ 5/8 ން ވާ ނުކުތާއިން ބުރުފަޅިއެއް އަޅައިގެން ކުރަހައިފައެވެ. މި ދެބުރުފަޅި ގުޅޭއިރު ހުންނާނީ ހަނދުފަޅިއެއްގެ ސިފައިގައެވެ. ދިދަ ހަރުކުރެވިފައި ހުންނާންވާނީ ހަނދުފަޅީގެ ބޭރުކައިރި ދިދަދަނޑިއާވީ ފަރާތަށެވެ. ” ދިވެހި ޤައުމީ ދިދައިގައި ހުންނާންވީ ކުލަތައް ވެސް ބަޔާންކޮށްދެއްވާފައިވެއެވެ.
” ފެހިކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1143 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T_817_AA އެވެ.
ރަތްކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1144 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T_818_A އެވެ.
ހުދުކުލަ- ނައިލޯނު ދިދަފަހާ ފޮތިނަމަ، ބްރިޓިޝް އެޑްމިރަލްޓީ ކަލަރކޯޑް ނަންބަރު 1145 T އެވެ. އެހެން ފޮއްޗެއްނަމަ ނަންބަރު T_819_A އެވެ. “
” ނަސްރާ ނަސީބާ ކާމިޔާބުގެ ރަމްޒަކަށް ހިމެނޭ
ފެއްސާއި ރަތާއި ހުދާ އެކީ ފެނުމުން ކުރީމެ ސަލާމް “
އަޅުގަނޑުމެންގެ ޤައުމީ ދިދައިގައި ވަނީ ފެހިކުލައާއި ރަތްކުލައާއި ހުދުކުލަކަން ތިޔަ ކިޔުންތެރިޔާއަށް އެނގޭނެކަމީ ޝައްކެއް ވެސް އޮތްކަމެއްނޫނެވެ. އެހެނަސް އެ ކުލަތައް ރަމްޒުކޮށްދެނީ ކޮން އެއްޗެއްކަން އެނގޭ ހެއްޔެވެ؟ ރަތްކުލަ ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ މި ވަޠަނަށްޓަކައި ޝަހީދުވެފައިވާ ޝަހީދުންގެ އަގުމާތް ޤުރުބާނީއެވެ. ފެހިކުލަ ރަމްޒުކޮށްދެނީ ދިވެހީންނަކީ ޞުލްޙަވެރިކަމަށް ލޯބިކުރާ ބައެއްކަމެވެ. ހުދުކުލައިގެ ހަނދުފަޅި ރަމްޒުކޮށްދެނީ ދިވެހީންގެ ދީނަކީ އިސްލާމްދީންކަމެވެ.
19 މާރިޗު 1989 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު، ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށްހިތުމުގެ އުޞޫލުތަކުގައިވާ ގޮތުން ކޮންމެ ހާލަތެއްގައި ވެސް ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންޖެހެއެވެ. ދިވެހި ޤައުމީ ދިދަ ނޫން އެހެން ދިދައަކާއެކު ދިވެހި ޤައުމީ ދިދަ ނަގާނަމަ، އިސްކުރަންޖެހޭނީ ދިވެހި ޤައުމީ ދިދައެވެ. އެހެން ޤައުމެއްގެ ދިދައާއެކު ދިވެހި ޤައުމީ ދިދަ ނަގާނަމަ، ހުންނާންވާނީ އެއް އުސްމިނެއްގައެވެ. އެހެންނަމަވެސް ދިވެހި ޤައުމީ ދިދައަށް އިސްކަންދޭންޖެހޭނެއެވެ.
މިހާރު ތިޔަ ކިޔުންތެރިޔާއަށް ދިވެހި ޤައުމީ ދިދައާ ބެހޭގޮތުން އިތުރު އެއްޗެއް އެނގިއްޖެތޯއެވެ؟ މި ލިޔުން ކިޔުމުން ތިޔަ ކިޔުންތެރިޔާއަށް އެނގޭ އެއްޗެހީގެ ހަނދާންއާވި ހެއްޔެވެ؟ މި ލިޔުން ކިޔުމުން އިތުރު އެއްޗެއް އެނގިއްޖެނަމަ ނުވަތަ އެނގިފައިވާ އެއްޗެއްގެ ހަނދާންއާވިނަމަ އަޅުގަނޑުގެ މަޠުލަބު ހާސިލުވީއެވެ.
= މުޙައްމަދު ވިޝާޙް ، ހދ.ވައިކަރަދޫ =
17 އޭޕްރީލް 2017